މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޭވިއޭޝަން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް)ގެ ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރަމުންދަނީ މުހިންމު މަސައްކަތްތަކެއް ކަމަށާއި، އެކަމަށްޓަކައި އީއެސްއެސްގެ މުޅި ޓީމަށް ޝުކުރާއި މަރްޙާބާ ދަންނަވާ ކަމަށެވެ.
އަދި ޓެކްސީ ކިއުގެ މައްސަލަ ބޮޑުތަނުން ހައްލުވެގެން ދިޔައީ އެސްޓޭޓް ސެކިއުރިޓީގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި، އޭގެ ސަބަބުން މުޅި އެއާޕޯޓަށް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އަހުލާގާއި އިހުތިރާމާއި ގާބިލުކަން އެންމެ ފުރިހަމައަށް ފެންނަ އެއް ޑިޕާޓްމަންޓަކީ އީއެސްއެސް ކަމަށާއި އެއީ ދެވިފައިވާ ތަމްރީނުތަކުގެ ފުރިހަމަ ނަތީޖާއެއްކަން ފާހަގަކުރައްވައި ޝަރީފް އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ވެސް ކަމަށް ކަމޭހިތާ، އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަންނަ ބަޔަކަށް ހެދުމަކީ އެމްއޭސީއެލުން އުފައްދާފައިވާ އޭވިއޭޝަން އިންސްޓިޓިއުޓްގެ އަމާޒެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި އެއިމްގެ ފަރާތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އާދަމް ނަސީރު ވިދާޅުވީ، މުސްތަގުބަލުގައި އެ އިންސްޓިޓިއުޓްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި ތައުލީމީ ގޮތުން އެމްއޭސީއެލްގެ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވަނީ އީއެސްއެސްގެ އަހަރީ ކަލަންޑަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ. އޭގެ އިތުރުން އެމްކިޔުއޭގެ އެޕްރޫވަލް ސެޓްފިކެޓް، އެއިމްގެ ފަރާތުން ޝަރީފަށް ވަނީ އަރުވައިފައެވެ.