Last Updated: June 28, 09:56
Saturday, June 28, 2025
ޚަބަރު

ޑްރަގްސްއާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވޭ

ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއީ ވަބާ ކަމަށްވާ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ގޮތުން މަސްތުވާތަކެއްޗަށް ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މިކަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ރާއްޖޭގެ އެއްބާރުލުން އަބަދު ވެސް އޮންނާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހެއް ފާހަގަ ކުރަމުން އަންނަ އިރު، މި މައްސަލަ ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫކުރަން ޖެހޭ ކަމަށާއި މިއީ ހަމައެކަނި ވަކި ގައުމަކަށް ހައްލު ކުރެވޭނެ މައްސަލައަކަށް ވުރެ ބޮޑަށް ގައުމުތައް ގުޅިގެން ހައްލު ކުރޭވޭނެ މައްސަލައެއް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް ސަރުކާރުން ކުރެވުނު މަސައްކަތުގެ ތެރޭގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ތަންފީޒީ އިދާރާތަކުގެ މަސައްކަތް ހަރުދަނާކޮށް، މަސްތުވާތެކެތީގެ ވާބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމާއި، އެ މީހުން އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް އެކަށައެޅިފައިވާ ނިޒާމު، އެއް އަމާޒަކަށް މަސައްކަތް ކުރަން ޤައުމީ އޮނިގަނޑެއްގެ ތެރެއިން މިހާރު މަސައްކަތްތައް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ.