Last Updated: June 28, 09:31
Saturday, June 28, 2025
މުނިފޫހިފިލުވުން

'ބޯޑާ 2' އިން ދިލްޖީތު ވަކިކުރަން ގޮވާލައިފި

"ބޯޑާ 2" ގެ ލީޑް ކާސްޓް، ފޮޓޯގެ ވާތް ފަރާތުގައި ދިލްޖީތު.

ޕާކިސްތާންގެ ބަތަލާއެއް ކަމަށްވާ ހާނިއާ އާމިރު ހިމަނައިގެން އިންޑިއާގެ މަޝްހޫރު ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖްގެ "ސަރުދާރު ޖީ" ގެ ފްރެންޗައިޒްގެ ތިން ވަނަ ބައި ހަދާފައިވާތީ، ދިލްޖީތު ބޮއިކޮޓްކުރުމުގެ ހަރަކާތްތަކެއް އިންޑިއާގައި ފަށައި، އޭނަ މިހާރު މަސައްކަތް ކުރަމުން އަންނަ ބޮލީވުޑްގެ ފިލްމު "ބޯޑަރު 2" އިން ވަކިކުރަން ގޮވާލަން ފަށައިފި އެވެ.

މިކަމާ ގުޅިގެން އެ ފިލްމު އުފައްދާ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޖޭޕީ ދައްތާގެ ޖޭީޕީ ފިލްމްސް އަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮފީސް (އެފްޑަބްލިއުއައިސީއީ) އިން ފޮނުވި ސިޓީއެއްގައި ބުނީ ދިލްޖިތު ހިމަނައިގެން "ބޯޑާ 2" ހަދާ ނަމަ ފިލްމުގެ ޓީމާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

ސިޓީގައި ބުނީ ޕާކިސްތާންގެ ފަންނާނުންނާ އެކު މަސައްކަތް ކުރާނީ އިންޑިއާ އަށް ގައްދާރުން ކަމަށާއި މި ސަބަބާ ބުރެ ދިލްޖީތަކީ މިހާރު އިންޑަސްޓްރީން ބޮއިކޮޓް ކުރަން ޖެހޭ މީހެއް ކަމަށެވެ. އެހެންވެ އޭނަ ކާސްޓްގައި ހިމަނައިގެން "ބޯޑާ 2" ނުހެދުމަށާއި އެކަން އެގޮތަށް ކުރާ ނަމަ އެ ފިލްމު އުފައްދާ ޓީމު ގޮވައިގެން ކޯޓަށް ދާނެ ކަމަށް ފެޑެރޭޝަނުން ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި "ބޯޑާ 2" ގެ ކްރޫއާ ދިލްޖީތު ގުޅުނީ މި މަހުގެ ތެރޭގަ އެވެ. ދެހާސް ނަވާރައިގެ "ކޭސަރީ" ގެނެސްދިން ޑައިރެކްޓަރު އަނޫރާގް ސިންގާ ހަދާ ފިލްމުގެ އެކްޓަރުންގެ ތެރޭގައި ސަނީ ޑިއޯލް އާއި ވަރޫން ދަވަނާއި އަހާން ޝެޓީ ވެސް ހިމެނެ އެވެ.

"ބޯޑާ 2" އިން ދިލްޖީތު ވަކިކުރަން އެކި ފަރާތްތަކުން ޕްރެޝަރު ކުރަމުން އަންނަ އިރު، މިކަމާ ގުޅޭ ގޮތުން އެ ފިލްމު އުފައްދާ ޓީމުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޕާކިސްތާނުގެ ފަންނާނުންނާ ދެކޮޅަށް އިންޑިއާގައި އަލުން ހަރަކާތްތަކެއް ފެށުނީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅު ހަތިޔާރު އެޅި ޖަމާއަތެއްގެ ބަޔަކު ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގާމަށް ދިން ހަމަލާތަކެއްގައި 26 މީހަކު މަރާލުމާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހޫނުވުމާ ގުޅިގެންނެވެ.

އެ ހާދިސާ ހިނގި އިރު، ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާނާއި ބޮލީވުޑްގެ ބަތަލާ، ވާނީ ކަޕޫރް ކުޅުނު ފިލްމު "އަބީރް ގުލާލް" އޮތީ މިދިޔަ މަހުގެ 9 ގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ހަމަލާގެ ފަހުން އެ ފިލްމާ ދެކޮޅަށް ފެށި ހަރަކާތްތަކާ ގުޅިގެން ފިލްމު މިހާރު އޮތީ "ވާނުވ" ގަ އެވެ.

ދިލްޖީތާ އެކު ހާނިއާ މަސައްކަތްކުރި "ސަރުދާރު ޖީީ 3" އިންޑިއާގައި ދެއްކިޔަ ނުދޭނެ ކަމަށް ބުނެ އެ ފިލްމު ދެކޮޅަށް ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެ ފިލްމު ރިލީޒްކުރަން އޮތީ މާދަމާ އެވެ.