Last Updated: June 28, 10:06
Saturday, June 28, 2025
ޚަބަރު

ޓްރާންސްޕޯޓް މިނިސްޓަރު ތުރުކީ އަށް

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރަސްމީ ދަތުރެއްގައި ތުރުކީ އަށް ވަޑައިގެންފި އެވެ.

މި ދަތުރަކީ މާދަމާ އިން ފެށިގެން މި މަހުހެ 29 އަށް ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ބާއްވާ "ގްލޯބަލް ޓްރާންސްޕޯޓް ކަނެކްޓިވިޓީ ފޯރަމް 2025" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

އެ ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ދަތުރުފަތުރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންނާއި، މާލީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިސްވެރިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނީ ބޭފުޅުން އެއްތަނަކަށް ޖަމާކޮށް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިއުގަތައް ތަރައްޤީކުރުމާއި އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރުމެވެ.

ފޯރަމްގައި 20 އަށް ވުރެ ގިނަ ތީމެޓިކް ޕެނަލް ސެޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.

ފޯރަމްގެ މަޝްވަރާތައް އަމާޒުކޮށްފައި ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ރައްޓެހި ބަދަލުތަކާއި، އަދި ދުނިޔޭގެ ފެންވަރުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށެވެ. މީގެ އިތުރުން، ފޯރަމްގައި ޚާއްޞަ ސަމާލުކަމެއް ދެވޭނީ ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަތައް އެއްކޮށްލައިގެން ރަނގަޅަށް ތަރައްޤީކުރާނެ ގޮތާއި، އަސާސީ ވަސީލަތްތަކަށް އިންވެސްޓްކުރުމުގައި ހުރި ދަތިތައް ފޫބެއްދުމާއި، އަދި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއި އަދި އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އިފްތިތާޙްކޮށް ދެއްވާ ފޯރަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.

މި ސެޝަނަކީ އެކި ޤައުމުތަކާއި މުއައްސަސާތަކުގެ މެދުގައި ކަނޑުމަގުގެ ގުޅުމުގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި ދެމިގެންދާ އިސްކަންދޭ ކަންތައްތަކާއި، ޢަމަލީ ޙަޤީޤަތްތަކާއި، އެއްބާރުލުމުގެ މަގުތަކާ ބެހޭގޮތުން އިސްތިރާޖީ މަޝްވަރާކުރުމަށް ރޭވިފައިވާ މުހިންމު މަންޞައެކެވެ.