ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ މީޑީއާތަކުން ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހު ހަފުތާގެ ތެރޭގަ އެވެ. އަންނަ މަހުގެ 26 ގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ލަންކާގެ ސަރުކާރުގެ އޮފިޝަލުންތަކަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުގައި ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.
ލަންކާ އާއި ރާއްޖެ އިން ކުރިއަށް ގެންދާނެ މަޝްވަރާތަކުގެ ތެރޭގައި "މޯލްޑިވްސް-ސްރީ ލަންކާ ފްރީ އިކޮނިމިކް ޒޯން" އަދި "ފްރީ މޫވްމަންްޓް ޒޯން" އަކަށް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ލަންކާގެ ރައީސް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ އިރު، ރަސްމީ ދަތުރެއްގައި ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާ އަށް ވަޑައިގެންފައިވެ އެވެ.
ޑިސަނަޔަނެ ލަންކާގެ ރައީސް ކަމަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.