Last Updated: June 28, 09:31
Saturday, June 28, 2025
މުނިފޫހިފިލުވުން

'ވޯ 2' ގެ އާ ޕޯސްޓަރުތަކެއް

އޮގަސްޓް މަހު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ވޯ 2" ގެ އާ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އެ ފިލްމު ގެނެސްދޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިއަދު ވަކިވަކިން އާންމުކޮށްފައި ވަނީ ފިލްމުގެ ލީޑް ތިން އެކްޓަރުންގެ ޕޯސްޓަރުތަކެވެ. އެގޮތުން ރިތިކް ރޯޝަނާއި ކިއާރާ އަދުވާނީގެ އިތުރުން އެންޓީއާރް ޖޫނިއާގެ ޕޯސްޓަރުތަކެއް ދައްކާލާފައިވެ އެވެ.

"ވޯ 2" އަކީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އަދި މި ފިލްމަކީ ކިއާރާ، ވައިއާރްއެފަށް ކުޅުނު ފުރަތަމަ ފިލްމުގެ އިތުރުން ރިތިކާ އެކު ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ. "ވޯ 2" އޮގަސްޓް 14 ގައި ސިނަމާތަކަށް ގެންނަ އިރު، އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން މިހާރު އިނި އަލަތު ދަރިފުޅަށް ބަލިވެ އެވެ.

"ވޯ 2" އަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ދަށުން ގެނެސްދޭ 8 ވަނަ ފިލްމެވެ. އަދި މިއީ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ. ކުރީގެ ފިލްމު ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ޝާހްރުކް ޚާންގެ 2023 ގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކުރި އިރު، "ވޯ 2" ޑައިރެކްޓްކުރީ އަޔާން މުކަރްޖީ އެވެ.

އޭނަ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް "ބުރައްމަސްތުރާ" އާއި "ޔެ ޖަވާނީ ހެ ދީވާނީ" ގެ އިތުރުން "ވޭކަޕް ސިދު" ގެނެސްދިން ކާމިޔާބު ޑައިރެކްޓަރެވެ.

"ވޯ 2" ގެ ޕްރޮމޯޝަންތަކުގެ ތެރެއިން އާ ޕޯސްޓަރުތަކެއް ދައްކައިލި އިރި، ފިލްމުގެ ޓީޒާއެއް މިދިޔަ މަހުގެ 20 ގައި އާންމުކޮށްފައިވެ އެވެ.