އެމްޑީޕީ އަށް އެރި ލޮޅުންތަކަށް ފަހު، އެ ޕާޓީ މިހާރު އަނެއްކާ ވެސް އެކަތިގަނޑެއްގެ ގޮތުގައި އެންމެން އެކީގައި އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަން ފެށުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އެމްޑީޕީގެ 20 އަހަރާ ދުވަހާ ގުޅިގެން އޭނަ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެކަމުގެ ހަގީގީ އަސްލަކީ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. ރޮޒޭ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނަކި އަބަދު ވެސް ވަކިވަކި ފަރުދުން އިސްކުރަށް ވުރެ ބޮޑަށް ޕާޓީ އިސްކުރާ ބަޔަކު އުޅޭ ޕާޓީއެއް ކަމަށެވެ.
"އެމްޑީޕީގައި މިއޮންނަ ހިތާއިހިތުގެ ގުޅުމަކީ ހަގީގަތެއްކަން އެމްޑީޕީގެ އާންމު މެންބަރުން މި ވަނީ ދައްކާ ދީފައި." އޭނަ ވިދާޅުވި އެވެ.
ރޮޒޭ ވިދާޅުވީ ޕާޓީ އަށް ކިތަންމެ ގިނަ ގޮންޖެހުންތަކެއް އައިކަމުގައި ވިޔަސް ޕާޓީގެ އާންމު މެންބަރުން ރަނގަޅު ނިންމުންތައް ނިންމައި ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރުމުގެެ ނަތީޖާ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އަށް ވުން ކަމަށެވެ. އޭނަ ވިދާޅުވީ އެހެން ޕާޓީތަކަށް އެފަދަ ގޮންޖެހުންތައް ދިމާވުމުން އެ ޕާޓީތައް ވަނީ ނެތިގެން ގޮސްފައި ކަމަށެވެ.
"އެހެން ނަމަވެސް އެމްޑީޕީ މި ވަނީ ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލައިގެން އެމްޑީޕީގެ މެންބަރުން ކުރިއަށް ގެންދާނެކަން ސާބިތުކޮށް ދީފައި." ރޮޒޭ ވިދާޅުވި އެވެ.
އެމްޑީޕީން 2023 ގައި ވަކިވެވަޑައިގެން އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެންބަރުން މި ހަފުތާގައި ވަނީ ނަޝީދު ހިމެނޭ ގޮތަށް އަލުން އެމްޑީޕީއާ ގުޅި، އެކީގައި މަސައްކަތް ކުރަން ފަށައިފަ އެވެ.