Last Updated: June 28, 09:24
Saturday, June 28, 2025
މުނިފޫހިފިލުވުން

ނޫރާއާ އެކު "ބަރުދާސްތު" ގެނެސްދެނީ

މައިގަނޑު ރޯލަށް އާމިނަތު ނޫރާ ލައިގެން ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު/ކެމެރާމަން އިބްރާހީމް ވިސާންް (ކަނޑި) ގެ އާ ސީރީޒް "ބަރުދާސްތު" ގެ ފަސްޓްލުކް ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މީޑިއާނެޓަށް ގެންނަން އުޅޭ މި ސީރީޒަކީ އެ ކުންފުންޏާއި އެއްކާފު ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މި އަހަރުގެ ކުރީކޮޅު މީޑިއާނެޓުން ގެނެސްދިން ކޯޕަރޭޓް ތުރިލާ ސީރީޒް "ހިންތާ" ވެސް ލިޔުނު އަހުމަދު ޒަރީޒެވެ.

ފިލްމު "ބީވީމާ" ގެ ޑައިރެކްޓަރު ޒަރީރަކީ މީޑިއާނެޓުން ގެނެސްދިން މަގުބޫލު އެހެން ސީރީޒެއް ކަމަށްވާ "ގަރީނާ" ވެސް ރައިޓަރެވެ.

ޒަރީރުގެ ސްކްރީންޕްލޭއަކަށް ކަނޑި، އާ ސީރީޒެއް ގެނެސްދޭ އިރު، އޭނަ ކުރިން ޒަރީރު ލިޔުނު ސްކްރިޕްޓަކަށް ފީޗާ ފިލްމެއް ވެސް ގެނެސްދީފައިވެ އެވެ. އެއީ 2021 ގެ ޕޮލިޓިކަލް ތުރިލާ "މަރްޔަމް" އެވެ. ކަނޑިގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ މިދިޔަ އަހަރު އެޅުވި ކުޑަކުދިންގެ ފިލްމު "ރޮބޯމޭން: ދަ މޫވީ" އެވެ.

"ބަރުދާސްތު" މީޑިއާނެޓަށް ވަރަށް އަވަހަށް ގެންނަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މީގެ ބަތަލާ ނޫރާ އަކީ އާންމުންގެ ތެރޭގައި 2000 ކުރީކޮޅު ވަރަށް ބޮޑަށް މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދޫގައި ޖެހޭނޭ" އިން ތައާރަފުވި ބަަތަލާއެކެވެ. "ރޮބޯމޭން" ގައި ވެސް އޭނަ ރޯލެއް ކުޅެފައިވެ އެވެ.