Last Updated: June 28, 09:20
Saturday, June 28, 2025
ޚަބަރު

ޒުވާން ޚަތީބުންގެ ތިންވަނަ ބެޗް ފަށައިފި

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗުގެ ތަމްރީން މިއަދު ފަށައިފި އެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަށް ބެޗަށް ހުޅުވާލުމާއެކު 338 ފަރާތަކުން ވަނީ ފޯމު ހުށައަޅާފަ އެވެ. މީގެ ތެރެއިން ތަމްރީންގައި ބައިވެރިވަނީ ޝަރުތުހަމަވާ އަދި އިމްތިހާނުން ފާސްސްވި 257 ބައިވެރިންނެވެ.

މިހާތަނަށް ޒުވާން ޚަޠީބުންގެ ދެ ބުރެއް ނިމިފައިވާއިރު، 234 ޒުވާނުން ވަނީ މި ޕްރޮގުރާމުގެ ތެރެއިން ސަނަދު ހާސިލްކޮށްފަ އެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.

’ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެ އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.