އެމްޑީޕީ ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި، އިޞްލާޙާއި އަދި ތަހުޒީބީ ޚިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރުމުގެ ފަޙުރުވެރި ޕާޓީ، އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީ ކަމަށެވެ.
ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އެމްޑީޕީން 20 އަހަރު ކުރިން ފެށި ދަތުރު އަދި ނުނިމޭ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ކުރަން ހުރި ކަންކަން ބައިވަރު ކަމަށާއި މިއީ ޚުދުމުޚުތާރު ގޮށްމުށްތަކުގެ ދަށަށް ޤައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
"ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި،" ސޯލިހު ވިދާޅުވި އެވެ.
ބޭސްފަރުވާއަށް މި ވަގުތު މެލޭޝިއާގައި ހުންނެވި ސޯލިހު ދާދިފަހުން ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އިއުލާންކުރައްވާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދިފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.