ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ރައީސް ޖިން ލިކުން އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ޗައިނާގެ ވެރިރަށް ބެއިޖިން ގައި ކުރިއަށްދާ އޭއައިއައިބީގެ ގަވަނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖެއާއި އޭއައިއައިބީ އާ ދެމެދު އޮތް ގުޅުން އަލުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް އެހީތެރިވުމަށް ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، ދެފަރާތުންވެސް އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިބިކަން ފާޅުކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އޭއައިއައިބީގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވި ކަމަށާއި މީގެ ތެރޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އިޤްތިޞާދީ އަސަރުތަކުން އަރައިގަތުމަށް ދެވުނު މުހިންމު އެހީތެރިކަމާއި، ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އަމާޒުކޮށްގެން ހިންގާ ވޭސްޓް-ޓު-އެނަރޖީ ޕްރޮގްރާމަށް ދެވުނު ފައިނޭންސިން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމުގައި ޒަމީރު ވަނީ ދިވެހި ސަރުކާރުން ކުރިއަށްގެންދާ އިޤްތިޞާދީ އިޞްލާޙުތަކާ ބެހޭ މަޢުލޫމާތު ރައީސް ޖިންއަށް ދެއްވައިފަ އެވެ. މި އިޞްލާޙުތަކުގެ ސަބަބުން ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުން އަންނާނެކަމަށް އުންމީދުކުރެވޭ ކަމަށް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުރިމަގުގެ ފައިނޭންސިން ބޭނުންތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށާއި ޤައުމީ ތަރައްޤީއާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ތަފްޞީލުކޮށްދެއްވައި، މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އޭއައިއައިބީގެ އެހީތެރިކަން މުހިންމުވާނެ މައިގަނޑު ދާއިރާތައް ޒަމީރު ފާހަގަކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.