Last Updated: June 27, 21:32
Saturday, June 28, 2025
ޚަބަރު

އައްޑޫން 83 ބިދޭސީއަކު އަތުލައިގެންފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫގައި އިއްޔެ ކުރިއަށްގެން ދިޔަ ބޮޑު އޮޕަރޭޝަނުގައި ސައްހަ ވިސާ ނެތް 83 ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި 678 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ސައްހަ ވިސާ ނެތް 83 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައި ވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

"އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އައްޑޫގައި އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ހާއްސަ މަސައްކަތެއްކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވެ އެވެ. އަދި އައްޑޫ ސިޓީ ފުލުހުން ވެސް ބައިވެރިވި އެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.