Last Updated: June 28, 09:12
Saturday, June 28, 2025
މުނިފޫހިފިލުވުން

ބޮންޑްގެ 26 ވަނަ ފިލްމަށް ޑައިރެކްޓަރެއް

ޖޭމްސް ބޮންޑް ސީރީޒްގެ އާ ފިލްމަށް ޑައިރެކްޓަރަކު ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އެމެޒޯން އެމްޖީއެމް ސްޓޫޑިއޯ އިން ބުނި ގޮތުގައި ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޒަމާންވީ މި ސީރީޒްގެ 26 ވަނަ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ޑެނިސް ވިލެނޯވް އެވެ. ކެނެޑާ އަށް އުފަން 56 އަހަރުގެ މި ޑައިރެކްޓަރަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ޑޫން" ގެ ދެ ފިލްމަށް ފަހު، އަންނަ އަހަރުގެ އޭގެ ތިން ވަނަ ބައި ގެނެސްދޭން މަސައްކަތް ކުުރަމުން އަންނަ ޑައިރެކްޓަރެވެ.

ޑެނިސް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ބްލޭޑް ރަނާ 2049" އާއި "ސިސާރިއޯ" ހިމެނެ އެވެ.

ޖޭމްސް ބޮންޑްގެ އާ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ޓާނިއާ ލެޕޮއިންޓީ އެވެ. އަދި ޕްރޮޑިއުސަރުންނަކީ އެމީ ޕާސްކަލް އާއި ޑޭވީޑް ހޭމަން އެވެ.

ބޮންޑްގެ އާ ފިލްމަަށް ތައްޔާރީތައް ވާން ފެށި ނަމަވެސް އާ ފިލްމުގައި ބޮންޑްގެ ރޯލު ކުޅޭނެ އެކްޓަރެއް އަދި ފައިނަލެއް ނުކުރެ އެވެ. ނަމަވެސް އެ ރޯލު ދެން ކުޅޭނެ ކަމަށް ބެލެވޭ އެކްޓަރުންގެ ބޮޑު ލިސްޓެއް މީޑިއާތަކުގައި އަބަދު ވެސް ދައުރުވަމުންދެ އެވެެ.

އެއީ ޖޭމްސް ބޮންޑްގެ އެންމެ ފަހު ފަސް ފިލްމުގައި އެ ރޯލު ކުޅުނު ޑެނިއަލް ކްރެއިގް 2021 ގެ "ނޯ ޓައިމް ޓު ޑައި" އަށް ފަހު ބޮންޑްގެ ރޯލަށް އަލްވަދާއު ކިޔާފައިވާތީ އެވެ.

ފާހަގަކުރެވޭ ކަމަކީ އިނގިރޭސި ހިޔާލީ ޖާސޫސީ އެޖެންޓްގެ ރޯލު މިހާތަނަށް ކުޅެފައި ވަނީ މުޅިން ވެސް އިނގިރޭސި އެކްޓަރުންކަމެވެ. އެކަމަކު ބޮންޑްގެ ފިލްމު އުފައްދާ އެމްޖީއެމް މިހާރު އެމެރިކާގެ އެމެޒޯންގެ ދަށަށް ގޮސްފައިވާތީ، ބޮންޑްގެ ރޯލު އެމެރިކާގެ އެކްޓަރަކަށް ދީފާނެކަމުގެ ވާހަކަތަކެއް ވެސް މި ފަހުން ދެކެވިފައިވެ އެވެ.

ޖޭމްސް ބޮންޑް ސީރިޒްގެ ފުރަތަމަ ފިލްމަކީ 1962 ގެ "ޑރ. ނޯ" އެވެ. ޓެރެންސް ޔަންގް ޑައިރެކްޓްކުރި އެ ފިލްމުގައި ބޮންޑްގެ ރޯލު ކުޅުނީ ހަ ފިލްމެއްގައި ބޮންޑްގެ ރޯލު ކުޅުނު ޝޯން ކޮނެރީ އެވެ.