Last Updated: June 27, 21:32
Saturday, June 28, 2025
ޚަބަރު

ޒަކާތު ފަންޑުން ފަގީރުންނަށް ހެލްތު އިންޝުއަރެންސް

ޒަކާތު ފަންޑުން ފަގީރުންނަށް ބޭސްކުރަން އިންޝުރެންސް ތައާރަފު ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންގެ ބޭސް ފަރުވާއަށް އިންޝުރެންސް ތައާރަފުކުރަން ނިންމާފައިވާ ކަށެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށެވެ.

"އެފަރާތްތަކަށް އިންޝުރެންސް ތައާރަފު ކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަން ޖެހޭ ފަރުވާ އާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް." ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ޒަކާތަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަށްޓަކައި ޒަކާތު ހައުސްއެއް އުފައްދައި ޒަކާތާ ގުޅޭ ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރެވެމުންނެވެ. އެގޮތުން ފަކާތު ފަންޑުން ބޭސް ފަރުވާ އަށް މިހާރު ވެސް ބޮޑެތި އެހީތަކެއް ފޯރުކޮށް ދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.