އިކްއެޑޯގެ އެންމެ ބޮޑު ޑްރަގް ލޯޑް އަތުލައިގެންފި އެވެ.
އެ ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ވަނަމަކަށް "ފީޓޯ" ކިޔާ އެޑޮލްފޯ މާސިއަސް ވިލިމާރް އަތުލައިގަތީ އޭނަ ހޯދަން ކުރިއަށް ގެންދިޔަ 10 ގަޑިއިރު އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ފީޓޯ އަތުލައިގަތީ މަންޓާ ސިޓީގައި ހުންނަ އޭނަގެ ތިން ބުރީގެ ލަގްޒަރީގެ ގޭގައި ހަދާފައިވާ ބަންކަރިން ބިންގަރާހެއްގެ ތެރެއިންނެވެ.
ފުލުހުން ފީޓޯ އަތުލައިގަންނަން ހިންގި އޮޕަރޭޝަނުގައި އެއްވެސް ވަރެއްގެ ކުރިމަތިލުންތަކެއް ނުހިނގާ ކަމަށާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި އޮޕަރޭޝަންގައި އެއްވެސް ހަތިޔާރެއް ބޭނުން ވެސް ކުރަން ޖެހިފައި ނުވާ ކަމަށް ފުލުހުންގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވި އެވެ.
ފީޓޯ އަކީ އިކްއެޑޯގެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ގޭންގް ކަމަށްވާ "ލޯސް ކޮނެރެސް" ގެ ލީޑަރު ވެސް މެ އެވެ.
ގައުމުގެ އެންމެ ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ފީޓޯ އަތުލައިގަންނަން ފުލުހުން ހިންގި ކާމިޔާބު އޮޕަރޭޝަނާ ގުޅިގެން އިކްއެޑޯގެ ރައީސް ޑެނިއަލް ނޮބޯއާ ވަނީ ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، ހިތްވަރު ދެއްވައި ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
ފީޓޯ، 45، އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަރުތަކަކާ ގުޅިގެން ކުށް ސާބިތުވެ، 34 އަހަރުގެ ހުކުމެއްގައި ޖަލަށް ލާފައި ވަނިކަށް ޖަލުން ފިލާފައިވާ ކުށްވެރިއެކެވެ. އެހެންވެ އޭނަ ވެފައި އޮތީ އިކްއެޑޯގެ "މޯސްޓް ވޯންޓެޑް" ކުށްވެރިޔާއަށެވެ.
ފީޓޯ އަކީ 2023 ގައި އަވަހާރަކޮށްފައިވާ އިކްއެޑޯގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވާ ފާނަންޑޯ ވިލަވިޝެންޝިއޯ އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ.