Last Updated: June 28, 08:58
Saturday, June 28, 2025
މުނިފޫހިފިލުވުން

ސޮނާކްޝީގެ ބިރުވެރި ފިލްމު ޖުލައި އަށް ފަސްކޮށްފި

މާދަމާ ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ބިރުވެރި ފިލްމު "ނިކިތާ ރޯއި" އަންނަ މަހަށް ފަސްކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން ފިލްމުގެ ޓީމުން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 18 ގައި ކަމަށެވެ.

ޓީމުން ބުނީ "ނިކިތާ ރޯއި" މާދަމާ ނުގެނެސްދޭން ނިންމީ އެއް ދުވަހެއްގައި ގިނަ ފިލްމުތަކެއް އަންނަން ހުރުމާ އެކު، ފިލްމީ ދާއިރާގައި އުޅޭ ހެޔޮއެދޭ ފަރާތްތަކާއި ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުންގެ ވެސް އެދުމުގެ މަތިން ކަމަށެވެ.

އެހެންވެ އަންނަ މަހުގެ 18 ގައި ފިލްމު ގެނެސްދޭން ނިންމުމުން ގިނަ ބަޔަކަށް ފިލްމު ބަލާލުމުގެ ފުރުސަތު މާ ބޮޑަށް ފަހިވާނެ ކަމަށް ބުންޏެވެ.

"ނިކިތާ ރޯއި" އަކީ ނިކީ ވިކީ ބަގްނާނީ ފިލްމްސް އަށް ސޮނާކްޝީގެ ބޭބެ ކުޝް ސިންހާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި އަރުޖުން ރާމްޕާލާއި ޕަރޭޝް ރާވަލްގެ އިތުރުން ސުހައިލް ނައްޔަރު ހިމެނެ އެވެ.