Last Updated: June 28, 09:20
Saturday, June 28, 2025
ޚަބަރު

ރާއްޖެއަށް ހެވެއް ހޯދައި ދެވޭނީ އެމްޑީޕީ އަށް: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ؛ އެމްޑީޕީ

ރާއްޖެއަށް ރަނގަޅު ހެވެއް ހޯދައިދެވޭނީ އެމްޑީޕީ އަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ސޯލިހު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ އަނިޔާވެރިކަމުގެ ސަގާފަތް ނައްތާލައި އިސްލާމީ ސައްހަ އަގީދާގެ މަތީގައި ފުރިހަމަ ޒަމާނީ ޑިމޮކްރެސީއެއް ގާއިމުކުރުމަށް ކަމަށާއި ޕާޓީއަށް 20 އަހަރު ފުރުނުއިރު ޕާޓީ އުފެއްދި މަގުސަދުތަކުގެ ގިނަ ކަންތައްތައް ހާސިލުކުރެވިފައިވާ ކަމަށެވެ.

މި ކަންކަން ހަނދާން ނައްތާ ނުލައި ކުރިއަރުވައި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި އަމާންކަމާއެކު ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އަޒުމެއް ކަމަށް އަބަދުވެސް ހަދަން ވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މައިގަނޑު އަސާސްތަކުގެ މަތީގައި ހިފަހައްޓައިގެން ޕާޓީއާއެކު ކުރިއަށް ދިޔުމަށް އާންމު މެމްބަރުންނަށް ސޯލިހު ގޮވާލެއްވި އެވެ.

"މި ގައުމަށް ރަނގަޅު ހެވެއް ހޯދައިދެވޭނީ އެމްޑީޕީއަށް. މިކަން އަބަދުވެސް އަޅުގަނޑުމެން ހިތުގައި ބާއްވަން ވާނެ،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީއަށް 20 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ހޯމަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރައްވާފައިވާއިރު، ސޯލިހު ދާދިފަހުން ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މީގެކުރިން އިއުލާންކުރައްވާފައިވެ އެވެ.