މީގެ ފަސް އަހަރު ކުރިން ކަނޑަށް ގެއްލުނު ބ. އޭދަފުށީ/ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ ގެ މައްޗަށް އޭދަފުށީގައި މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފި އެވެ.
ނަސްރުﷲ ގެއްލުނީ 2 ޖަނަވަރީ 2020 ގައި ބ. އަނގަފަރު ފަޅު ކައިރިން އޭނާ އާއި އިތުރު ދެ މީހަކު ތިބި ޑިންގީއާއި ލޯންޗެއް ޖެހި ހިނގި ހާދިސާގަ އެވެ. ނަސްރުﷲ ހޯދަން ކަނޑާއި ވައިގެ މަގު ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.
އޭދަފުށީ ކައުންސިލުން ބުނީ ނަސްރުﷲ ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން، މަސްޖިދު ޔޫސުފް އަދި މަސްޖިދު މުހައްމަދު އަލީގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަސްރުﷲގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމީ އޭނާގެ މަރު މިދިޔަ އޭޕްރިލް މަހު އޭދަފުށީ ކޯޓުން ސާބިތުކޮށްދިނުމުންނެވެ.
ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މީހެއްގެ މަރާ މެދު ގާޒީން ގޮތެއް ކަނޑައެޅުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.