އެމްޑީޕީން ވަކިވެ އުފެއްދި ދަ ޑިމޮކްރެޓްސްގެ ބޭފުޅުން އެނބުރި އެމްޑީޕީ އަށް އައުމުން އުފާކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވާއިރު، ޑިމޮކްރެޓްސް ދޫކުރައްވާ ނަޝީދާއި އެ ޕާޓީގެ އިސް ބޭފުޅުން މިދިޔަ ހޯމަ ދުވަހު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ރާއްޖެޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ސޯލިހު ވިދާޅުވީ ބަދަލުހިފުމެއް އެމަނިކުފާނުގެ ނޯންނާނެ ކަމަށާއި އެކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ބޭފުޅުން އެނބުރި އައިސް އެމްޑީޕީއާ މިއަދު ގުޅުމުން ވަރަށް އުފާވާ ކަމަށާއި ދެ ޕާޓީގައި ވެސް ގާތްގަނޑަކަށް ހުރީ އެއް ވިސްނުމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީއާ ޑިމޮކްރެޓްސްއާ ދެމެދު ވާހަކަތަކެއް ދެކެވެމުން އައި ކަމަށާއި އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން އޭރު ގެންގުޅުނު އެއް ވިސްނުމަކީ ޑިމޮކްރެޓްސްއާއެކު ކޯލިޝަނެއް ހަދައިގެން ކުރިއަށް ދިޔުން ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް ގަބޫލުކުރެވުނު ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެމަނިކުފާނަށް ގަބޫލުކުރެއްވުނީ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުން ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ތާއީދުކުރި ގޮތް. އޭގަ ދެބަސްވުންތަކެއް އަޅުގަނޑުމެންގެ ލީޑަޝިޕްގައި ދިޔަ. އެހެން ނަމަވެސް އެންމެފަހުން ނިމިގެން އެ ދިޔައީ އަޅުގަނޑު އެ ދުވަހު ސްޓޭންޑް ކުރި ސްޓޭންޑް ކުރުމަށް،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވަނީ ޑިމޮކްރެޓްސްގެ ބޭފުޅުން އެނބުރި އައުމުން އެމްޑީޕީ އިތުރަށް ވަރުގަދަވާނެ ކަމަށާއި ދެން އޮތީ އެކީގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވެފަ އެވެ. އަދި ފަހަތަށް އެނބުރި ގޮސް، މާޒީ ތެރޭގައި ތާށިވެފައި ތިބެގެން ނުވާނެ ކަމަށާއި ކުރަން ނިކުމެ ތިބި މަސައްކަތަކީ އެއަށް ވުރެ މާ ބުރަ މަސައްކަތެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.