ކުދި ވިޔަފާރިތައް ކުރިއަރުވަން މި ސަރުކާރުން ފުރުސަތުތައް ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސާއި މާކެޓްތަކަށް ވާސިލުވުމަށް ބޭނުންވާ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކޮށް ދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދާދި ފަހުން ބޭއްވި ދިވެހިން އުފެއްދުންތެރިކަމުގެ ކާމިޔާބީ އަށް ބަލާ އިރު ވެސް، ކުދި ވިޔަފާރިތަކަށް ރާއްޖޭގައި ފުރުސަތު އޮތްކަން ހާމަވެފައިވާ ކަމަށާއި އެ ދާއިރާ ކުރިއަރުވަން ބޭނުންވާ އެހީތެރިކަން ދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ރަށްތަކުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭ ވިޔަފާރިވެރިންނާއި އާއީޖާދުތައް ހޯދާ މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ހިދުމަތް ފާހަގަ ކުރައްވާ ކަމަށެވެ.
"ކުދި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ މާހައުލެއް ފަހިކޮށް ދޭން ސަރުކާރުން މަސައްކަތް ކުރާނެ." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ 2040 އާ ހަމައަށް އަންނަ އިރު، ރާއްްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާ އިރު އެ އަމާޒަށް ވާސިވުމުގައި ކުދި ވިޔަފާރިތަކަކަކީ ވަރަށް މުހިއްމު ދައުރެއ އަދާކުރާނެ ދާއިރާއެއް ކަމަށެވެ.