މުސީބާތްތަކުން ސަލާމަތްވެވޭނީ އިސްލާމްކަމާއި އީމާންކަމުން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ، 'ޢާޝޫރާ ދުވަހުގެ މާތްކަން' މި މައުޟޫގެ މައްޗަށެވެ.
ހުތުބާގައި ބުނީ އަޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރުތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާން ސަލާމަތް ކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު މާތްﷲ ގަރަގު ކުރެއްވި ދުވަސް ކަމަށެވެ.
އެފަދަ ހާދިސާތަކުން ގިނަ އިބުރަތްތަކާއި ދަރުސްތަކެއް ވާކަން ފާހަގަކޮށް ޚުތުބާގައި ވަނީ، އޭގެން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ﷲގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށެވެ.
"މި ފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ، އީމާންކަމާއި އިސްލާމްކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ،" ހުތުބާގައި ވެ އެވެ.
ހުތުބާގައި ބުނީ ފިރުއައުނު ޣަރަގު ކުރެއްވި ހާދިސާއިން އެނގެނީ، މާތްﷲ އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތި ކުރައްވާނެ ކަމެވެ. އެކަމުގައި އެ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި ފަސާދައާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި އެ ދުވަހާއި އެރޭ "އާޝޫރާ ދުއާ" ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެރެއާއި އެދުވަހު ވަކި އަޅުކަންތަކެއް ކުރަން ދީނުގައި ޝަރުތުކުރައްވާފައި ނުވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.