ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.
މި ކޮންފަރަންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގަ އެވެ.
އެ މަނިކުފާނު، މި ކޮންފަރަންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން މިފަދަ މަންސަތަކުގައި، ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެފް.އެފް.ޑީ.4 އަކީ، މާލީ އިސްލާހާމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް، ސަރުކާރުތަކާއި، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުވައްސަސާތަކާއި، ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކާއި، އދގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު މަންސައެކެވެ. ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ތިން ވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް ކުރިއަށްގެންދިޔައީ 2015 ވަނަ އަހަރު، އިތިއޯޕިއާގެ އަޑިސް އަބަބާގައެވެ.