Last Updated: June 29, 09:37
Sunday, June 29, 2025
ޚަބަރު

އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލަނީ

އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލުން ފަދަ މުހިންމު އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

'ސަންގު ޓީވީ'ގައި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެންމެ އަވަހަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސްއެއްގައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޕާޓީގެ ރޯޑްމެޕްގައި ހިމަނާފައިވާނެ ކަމަށެވެ.

"އެއް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ މިހާރަކުއެއް ޕާޓީގެ ޗެއާޕާސަނަކާއި ޕާޓީގެ ރައީސެއް ހުރުމުގެ ބޭނުމެއް ނެތޭ. ކޮންމެ ވެސް އެއް މަގާމެއް އޮތީމާ ނިމުނީއޭ. ޕާޓީގެ ރައީސް ކަމަށްވަންޏާ ރައީސް، ޗެއާޕާޝަން ކަމަށްވަންޏާ ޗެއާޕާސަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިއީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއް ކަމަށެވެ. އަދި ޕާޓީގެ ލީޑަރަކަށް އިންތިޚާބުވާ ބޭފުޅާއަށް ލީޑަރުކަމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހައްދަވަން ވެސް ހުށަހަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ވެސް ގިނަ ބަދަލުތަކެއް އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑުވެފަ އެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިއުލާންކުރައްވާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދާދިފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ.