Last Updated: June 29, 10:57
Sunday, June 29, 2025
ޚަބަރު

ޓާމިނަލް ހުޅުވުމުގައި އަމަލުކުރާނީ ބައިނަލްއަގުވާމީ މިންގަނޑަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމުގައި ޢަމަލުކުރަމުން އަންނަނީ ބައިނަލްއަޤުވާމީ މިންގަނޑަށް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު އަމަލުކުރުން ލާޒިމުކުރާ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކެއް އެބަހުރިކަމަށާއި، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފުރިހަމައަށް އެމްއޭސިއެލް އިން އަމަލުކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެއިތުރުން އެ ތިން ފަރާތުގެ މިންގަނޑުތަކަށް އެއާޕޯޓުގެ ފެސިލިޓީތައް އޮޕަރޭޓްކުރުމުގެ ކުރިން ތަންފީޒުކުރުމަށްޓަކައި އެކަށައަޅާފައިވާ ވެލިޑޭޝަން ބްރިޖަކީ "އޮރާޓް" ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، އިކުއިޕްމެންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާ އަދި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި އެއާޕޯޓު ނުވަތަ ޓާމިނަލް ޤައުމީ އަދި ބައިނަލްއަގްވާމީީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ.

މީގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމް.ސީ.އޭ.އޭ) އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ މިންގަނޑުތައް ކަށަވަރުކުރަންޖެހޭކަމަށް އެ ކުންފުނިން ބުނެ އެވެ.

އޮރާޓުގެ ފައިދާތަކުގެ ތެރޭގައި:

އާ ޓާމިނަލް ހުޅުވުމުގެ ކުރިން ދިމާވެދާނެ އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްވުން.
އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ރައްކާތެރިކަމާއި ހިދުމަތުގެ ފެންވަރު ކަށަވަރުވުން.
އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތް ހޯދާ ފަރާތްތައް ކަމުގައިވާ އެއާލައިންތަކާއި ފަސިންޖަރުންގެ އިތުރުން ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދެވުން ހިމެނެ އެވެ.

އޮރާޓުގެ ތެރޭގައި ހަތަރު ބައެއް ހިމެނޭއިރު ހުރިހަ ބައެއްގައި ވެސް ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވޭތޯ އާއި މިންގަނޑަށް ފެތޭތޯ ކަށަވަރު ކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެއީ ފެސިލިޓީ، އިންފޮމޭޝަން، ސިސްޓަމް އަދި ހިއުމަން އެވެ.

އޮރާޓުގެ މަރުހަލާތަކުގެ ތެރޭގައި އޮޕަރޭޝަނަށް ކަންކަން ރާވާލުމާއި ތައްޔާރުވުން، ހުރިހާ ކަމެއް އަޖުމަބެލުން ނުވަތަ ޓެސްޓުކުރުން، ހާލަތު ތަމްސީލުކުރުން ނުވަތަ އޮޕަރޭޝަނަލް މޮކަޕެއް ކުރިއަށް ގެންދިއުން، މުވައްޒަފުން ތަމްރީނުކުރުން، ޓާމިނަލް ބޭނުންކުރުމަށް ފެށުން އަދި މޮނިޓަރ ކުރުމާއި ކަންކަން ރަނގަޅުކުރުން ހިމެނެ އެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.

އާ ޓާމިނަލް ހުޅުވަން ހަމަޖެހިފައި އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.