Last Updated: June 29, 09:49
Sunday, June 29, 2025
ޚަބަރު

ހަލާލް ޓޫރިޒަމަށް ރަށްތަކެއް ކަނޑައަޅަނީ

ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގިނަ ރަށްތަކެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔޭގައި މަޝްހޫރު ސިނާއަތެއް ކަމަށާއި އެއީ ދެމެހެއްޓެނިވި، ފަތުރުވެރިންގެ ތަޖުރިބާ އަދި މެހެމާންދާރީގެ ރޮނގުން މިސާލެއް ކަމަށެވެ. އަދި ރާއްޖޭގެ އަމާޒު މިހާރު ހުރީ ޙަލާލް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ގައުމަކަށް ވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ޙަލާލް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ޚާއްޞަކޮށް ގިނަ ރަށްތަކެއް ސަރުކާރުން ކަނޑައަޅާނެ ކަމަށާއި މިއާއެކު އިންވެސްޓަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބިދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރާއްޖޭގެ އުފެއްދުންތައް އިތުރަށް ތަނަވަސްކޮށް ފުރިހަމަ ކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވަނީ އަންނަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން މިކަމާ ގުޅޭ ޕްލޭންގެ ތަފްސީލްތައް އިއުލާން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއަކީ އިންވެސްޓްމަންޓަށް ތައްޔާރަށް އޮތް، އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އިންވެސްޓަރުން މަރުހަބާ ކިޔުމަށް ތައްޔާރަށް އޮތް ގައުމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.