Last Updated: June 28, 22:19
Saturday, June 28, 2025
ރިޕޯޓް

ޢާޝޫރާ ދުވަހަކީ ކޮބާ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

* ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. [ބައްލަވާ: نيل الأوطار للشوكاني(8/409)]

އެ ދުވަހަކީ މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްކުރެއްވި ދުވަހެވެ. [ބައްލަވާ: صحيح البخاري(2004)]

ފިރުޢައުނާއި އޭނާގެ ލަޝްކަރު ހަލާކުވެ، ކަނޑަށް ޣަރަޤުވެގެން ދިޔައީ ޢާޝޫ ރާދުވަހުގެ ޟުޙާ ވަގުތުގަ އެވެ. އޭގެ ދުވަސްތަކެއް ކުރި އެވެ. މޫސާގެފާނު ބަލިކޮށްލާ، މީސްތަކުންގެ ތެރޭގައި ބޭޒާރުކޮށް ނިކަމެތިކޮށް ލުމަށް ފިރުއަޢުނު ޤަޞްދުކުރި އެވެ. ރޭވުންތައް ރޭވިއެވެ. މޫސާގެފާނާއި ވާދަކޮށް، ބަލިކޮށްލުމަށް ސިހުރުވެރިންގެ ޓީމެއް ޖަމާކުރި އެވެ. މޫސާގެފާނާއި ސިހުރުވެރިން ކުރިމަތިލުމަށް ހަމަ ޖެއްސި ގަޑިއަކީ އެބައިމީހުންގެ ޢީދު ދުވަހުގެ ޟުޙާ ވަގުތެވެ.

قال موعدكم يوم الزينة و أن يحشر الناس ضحى
(އެކަލޭގެފާނު ވިދާޅުވި އެވެ. ތިޔަބައިމީހުންގެ މަވްޢިދަކީ ޒީނަތްތެރި ކަމުގެ ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަ ވަގުތު މީހުން އެއްކުރެވެން ވާނެއެވެ.) سورة طه 59

ކަންކަން އެނބުރި ބަދަލުވާ ގޮތް ނިކަން ބަލާށެވެ. ޙާލަތު ބަދަލުވެގެން ދާނީ ކިހިނެއް ކަމެއް ބުނެދޭން އެއްވެސް މީހަކަށް ނޭނގޭނެ އެވެ. މިއަދު ބާރެއް އޮތެއް ކަމަކު، މާދަމާ އެ ބާރު ވާރުތަ ވާނީ ތިބާ އަނިޔާވެރިވި މީހުންގެ އަތްމައްޗަށް ކަމަށް ވެސް ވެދާނެ އެވެ.

* ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ» [أخرجه مسلم في صحيحه برقم: ١٩٦ – (١١٦٢)]

މާނައީ: “އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެ ކަމަށް ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ.”

* ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމުގެ އެންމެ މޮޅު އިތުރު ގޮތަކީ: މުޙައްރަމު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ.

* ހަނދު ނުބަލާ ޤައުމެއްގައި ހުރި ނަމަ ރައްކާތެރި ގޮތަކީ މުޙައްރަމު މަހުގެ 9، 10 އަދި 11 މިތިން ދުވަހު ރޯދަ ހިފުމެވެ.

* ޢާޝޫރާ ދުވަހާ ބެހޭ ގޮތުން ވަރަށް ގިނަ ޟަޢީފު (ބަލިކަށި) ޙަދީޘްތަކާއި މީސްތަކުން ހަދާފައިވާ (މައުޟޫޢު) ޙަދީޘްތައް ވެއެވެ. އެހެންކަމުން އެދުވަހުގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ފެތުރުމުގައި އެކަމަށް ސަމާލުކަން ދިނުން ހުއްޓެވެ. އެފަދައިން ޘާބިތު ނުވާ އެއް ވާހަކައަކީ:
“إن في يوم عاشوراء توبة آدم، واستواء سفينة نوح على الجودي، ورد يوسف على يعقوب، ونجاة إبراهيم من النار”

މާނައީ: “ހަމަކަށަވަރުން ޢާޝޫރާ ދުވަހުގައި އާދަމުގެފާނަށް ތައުބާލެއްވުނެވެ. އަދި ނޫޙުގެފާނުގެ ނައުކޮޅު ޖޫދިއްޔު ފަރުބަދައިގެ މައްޗަށް ބީހުނީ އެދުވަހުގައެވެ. އަދި ޔޫސުގެފާނު ޔަޢުޤޫބުގެފާނުގެ އަރިހަށް ރައްދުކުރެއްވުނީވެސް އެދުވަހުގައެވެ. އަދި އިބްރާހީމުގެފާނު އަލިފާނުން ނަޖާކުރެއްވުނީވެސް އެދުވަހުގައެވެ.”

މިއީ ބަޔަކު ޙަދީޘެއްގެ ގޮތަށް ހަދާފައިވާ ވާހަކަތަކެކެވެ. [ބައްލަވާ: كتاب الآثار المرفوعة في الأخبار الموضوعة للعلامة اللكنوي (ص: 96) وكتاب تنزيه الشريعة المرفوعة عن الأخبار الشنيعة والموضوعة للعلامة الكناني (2/ 148) وكتاب اللآلئ المصنوعة في الأحاديث الموضوعة للإمام السيوطي (2/ 109)وكتاب مجموع الفتاوى لابن تيمية (25/ 300)]

* އެ ދުވަހަށް ޚާއްޞަކޮށްގެން ބައެއް ޤައުމުތަކުގައި ޚާޢްޞަ ކެއުންތައް ހަދާ އުޅެއެވެ. އެހެނަސް އެއީ އެދެވިގެންވާކަމެއް ނޫނެވެ.

* ޢާޝޫރާ ދުވަހަށް ޚާއްޞަކޮށްގެން ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާ ކަމަކީ އެ ދުވަހުގައި ރޯދަ ހިއްޕެވުމެވެ. އެކަލޭގެފާނުގެ ކިބައިގައި އަޅުގަނޑުމެންނަށް އެކަމުގައި ރިވެތިވެގެންވާ ނަމޫނާވެ އެވެ.

މަސްދަރު: ދިސަލަފިއްޔާ