Last Updated: June 28, 22:19
Saturday, June 28, 2025
މުނިފޫހިފިލުވުން

'ސަން އޮފް ސަރުދާރު 2' ގެ ކެރެކްޓާތައް ދައްކާލައިފި

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ ކޮމެޑީ ފިލްމު "ސަން އޮފް ސަރުދާރު 2" ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލުމުގެ ކުރިން މި ފިލްމުގެ މައިގަނޑު ކެރެކްޓާތަކުގެ ފަސްޓްލުކް ވީޑިއޯކުން ދައްކާލައިފި އެވެ.

މި ފިލްމަކީ އަޖޭގެ 2012 ގެ "ސަން އޮފް ސަރުދާރު" ގެ ސީކްއެލެވެ. އާ ފިލްމުގައި އެ ފިލްމުން ބައެއް ކާސްޓުން ވެސް ހިމެނޭ ގޮތަށް ބޮޑު ކާސްޓެއް ހިމެނެ އެވެ. "ސަން އޮފް ސަރުދާރު 2" ގެ ބަތަލާ އަކީ މުރްނާލް ތާކޫރެވެ. ކުރީ ބައިގެ ބަތަލާ އަކީ ސޮނާކްޝީ ސިންހާ އެވެ.

އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮޮށްލަން ހަމަޖެހިފައވާ "ސަން އޮފް ސަރުދާރު 2" ގެ ކާސްޓްގައި ސަންޖޭ ދަތު، ވިންދޫ ދާރާ ސިންގް، ދާދި ފަހުން މަރުވި އެކްޓަރު މުކުލް ދޭވް، ޗަންކީ ޕާންޑޭ، ނީރޫ ބަޖްވާ، ޝަރަތު ސަކްސޭނާ، ކުބްރާ ސައިތު، ރަވީ ކިޝަން އަދި ސަންޖޭ މިޝްރާ ވެސް ހިމެނެ އެވެ.

އިންޑިއާގެ އިތުރުން ސްކޮޓްލޭންޑްގައި ވެސް ގިނަ މަންޒަރުތަކެއް ނަގާފައިވާ މި ފިލްމު ޑައިރެކްޓްކުރީ ވިޖޭ ކުމާރު އަރޯރާ އެވެ. ކުރީގެ ފިލްމު ޑައިރެކްޓްކުރީ އަޝްވިނީ ދީރް އެވެ.

"ސަން އޮފް ސަރުދާރު 2" އަކީ މި އަހަރު ރިލީޒްކުރާ އަޖޭގެ ތިން ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި "ރެއިޑް 2" އެވެ. މި އަހަރު ރިލީޒްވި އަޖޭގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "އާޒާދު" އެވެ.

މިއަދު ސިނަމާތަކަށް ގެނައި ބިރުވެރި ފިލްމު "މާ" ގެ ބަތަލާ ކާޖޮލްގެ ފިރިމީހާ އަޖޭ މި އަހަރު "ދޭ ދޭ ޕިޔާރު ދޭ 2" އިން ވެސް ފެންނާނެ އެވެ. މި އަހަރުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާ އެ ފިލްމަކީ 2019 ގެ އާބަން ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލް އެވެ.