Last Updated: June 10, 11:16
Wednesday, June 10, 2026
ދުނިޔެ

"މަޖަލަކަށް" ބޮމެއް އޮތް ކަމަށް ބުނުމުން ޖޫރިމަނާކޮށްފި

މެލޭޝިއާ އެއާލައިންސް އިން ދަތުރުކުރި މީހަކު "މަޖަލަކަށް" އޭނަގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއްގައި 4 މިލިއަން ޑޮންގް (153 ޑޮލަރު) އިން ޖޫރިމަނާކޮށްފި އެވެ.

މީޑިއާތަކުން ބުނީ އެ މީހާ ޖޫރިމަނާކުރީ މި މަހުގެ 22 ވަނަ ދުވަހު ކުއާލާ ލަމްޕޫރުން ވިއެޓްނާމްގެ ހެނޯއީ މެލޭޝިއާ އެއާލައިންސްގެ އެމްއެޗް 752 ގައި ކުރި ދަތުރަށް ފަހު، ބޯޓުން ނޮއީ ބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބި ވަގުތު، އޭނަގެ އަތުގައި އޮތް ކަޅުފޮއްޓެއްގައި އޮތީ ކޯޗެއްތޯ ކެބިން ކްރޫއަކު އެހުމުން "މަޖަލަކަށް ހަދާފައި" ބޮމެއް ކަމަށް ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ވަގުތުން އެއާޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކުރި އެވެ. އަދި ބޮމެއް އޮތް ކަމަށް ބުނި މީހާ އެއާޕޯޓްގައި އިމިގިގްރޭޝަނުން ހިފަހައްޓައި އޭނަ ގެންގުޅުނު ފޮށި ޗެކްކުރި އެވެ. ފޮށީގައި ކޮމްޕިއުޓަރު ކީބޯޑަކާއި މައުސްއެކެވެ.

އެ މީހާ ބުނީ ބޮމެއް އޮތް ކަމަށް ބުނީ ކަމުގެ ސީރިއަސްކަން ނޭނގި ކަމަށާއި އެފަދަ ކަންކަމާ ގުޅޭ ހޭލުންތެރިކަމެއް ވެސް ކުރިން ލިބިފައި ނެތް ކަމަށެވެ.