Last Updated: June 29, 10:27
Sunday, June 29, 2025
ޚަބަރު

ފެރީގައި ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާރްޓީއެލް ފެރީގައި ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖޫން 25 ވަނަ ދުވަހު ގއ. ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އާރްޓީއެލް ފެރީގައި އެ ރަށަށް އައި، އެރަށު ދޮންވެލި އުމުރުން 44 އަހަރުގެ ޝިފާއުﷲ ސައީދު ހުއްޓުވާ ބަލައިފާސްކުރިއިރު، އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ޝިފާއުﷲ ހުއްޓުވަން އުޅުމުން، މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި އޭނާ ވެއްޓި، ކަނާއަތު ކަކުލާއި އުޅަބޮށި މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 11 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.