ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް ގާއިމުކުރަން މަޝްވަރާ ކުރެވިފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ އަންނަ މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ދަތުރުފުޅުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރާނީ ރާއްޖެއާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓު ޒޯނެއް ގާއިމުކުރުމާ ގުޅޭ ގޮތުންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ޤާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތްކުރާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
"އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާ ކަމެއްވެސް ނޫން،" ސައީދު ވިދާޅުވި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހު ހަފުތާގެ ތެރޭގަ އެވެ. އަންނަ މަހުގެ 26 ގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.