ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދު، މިއަދު ބޭއްވި އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި މެމްބަރު ކްލަބްތަކުގެ އިއްތިފާގުން ފާސްކޮށްފި އެވެ.
މީރުމާ ހޮޓެލްގައި ކުރިއަށް ގެންދިޔަ ކޮންގްރެސްގައި ވޯޓް ދެވޭ 23 ކްލަބްގެ ތެރެއިން 21 ކްލަބް ކޮންގްރެސް އަށް ހާޒިރުވި އެވެ. ކޮންގްރެސްގައި ބައިވެރި ނުވަނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
އަސާސީ ގަވާއިދު ފާސްކުރީ ކޮންގްރެސްގައި ބައިވެރިވި، ހުރިހާ ކްލަބެއްގެ އިއްތިފާގުންނެވެ.
އެފްއޭއެފްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އެއްވަނަ ޑިވިޝަނުގެ ކްލަބުތަކުގެ އަދަދު 10 އަށް އަދި ދެ ވަނަ ޑިވިޝަނުގެ ކްލަބުތަކުގެ އަދަދު 13 އަށް އިތުރުކުރަން ވަނީ ނިންމާފަ އެވެ. އަދި ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި އިންވެސްޓްމަންޓްތަކާއި އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން އެފްއޭއެމް ހިންގަން ފީފާ އިން ކަނޑައެޅި ނޯމަލައިޒިން ކޮމިޓީގެ ދައުރު އަންނަ މަހު ހަމަވާއިރު، އަންނަ މަހުގެ 26 ވަނަ ދުވަހު، އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.