Last Updated: June 28, 22:19
Saturday, June 28, 2025
ޚަބަރު

ރިސޯޓުތައް މަދު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަނީ

ހިތަދޫ ސިޓީ ސްކެއާ ސަރަހައްދު. ފޮޓޯ/ އަލީ ނާސިރު

ރިސޯޓުތައް މަދު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވަޢުދުވެފައިވާ ގޮތަށް، އަދި މިއަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައިވާ ފަދައިން މިހާތަނަށް ރިސޯޓު ތަރައްޤީ ކުރެވިފައި މަދު އަތޮޅުތަކުގެ ފަތުރުވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރާނެ ކަމަށެވެ. މީގެ ތެރޭގައި ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީ ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިކަން ކުރިއަށް ގެންދާނީ އަމާޒުކުރެވިފައިވާ ލުއިތަކާއި، ޙާއްސަ އިނާޔަތްތަކާއި، އާންމު ވަސީލަތްތަކުގައި އިންވެސްޓްކޮށް، އަދި އަމާޒުކުރެވިފައިވާ މާކެޓިން ސްޓްރެޓެޖީތަކެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ. މިކަންކަން ފަރުމާކުރެވިފައިވަނީ މި ސަރަޙައްދުތަކުގައި އިންވެސްޓްމަންޓްތައް އިތުރުކޮށް އިޤްތިޞާދީ ޙަރަކާތްތައް އިތުރަށް ކުރިއެރުވުމަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އާންމު ދަތުރުފަތުރުގެ ވަސީލަތްތަކުގައި ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އާ ބާބެއް ފެށުމުގެ ވަގުތު އައިސްފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލު ޓޫރިޒަމް މިނިސްޓްރީއިން ކުރިއަށް އޮތް ހަފްތާގައި ހިއްސާކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.