Last Updated: June 30, 11:10
Monday, June 30, 2025
ޚަބަރު

ފަރީދުގެ ހަނދާނީ މިސްކިތުގެ ބިންގާ އަޅައިފި

ދާދި ފަހުން އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރަން ނިންމި މިސްކިތުގެ ބިންގާ އަޅައިފި އެވެ.

ދިވެހިންގެ މާލީ އެހީގައި އެ މިސްކިތް ބިނާކުރަން އިސް ނެގި ހިދުމަތް ޖަމިއްޔާގެ ޓީމުން އިއްޔެ ވަނީ މިސްކިތުގެ ބިންގާ އަޅާ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

މިސްކިތުގެ ބިންގާ އަޅައި ދިނީ ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދާއި މުހައްމަދު ފަރީދެވެ.

މެލޭޝިއާ އަށް ވަޑައިގަތް ތަނުން ހާޓްއެޓޭކެއް ޖެހިވަޑައިގެން އެއާޕޯޓްގައި ފަރީދު އަވަހާރަވި މި މަހުގެ 9 ގަ އެވެ. އޭނަގެ ޖަނާޒާ ވެސް ބޭއްވީ އެ ގައުމުގަ އެވެ.

އިސްލާމް ދީނަށްޓަކައި ފަރީދު ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބަންގަލަދޭޝްގައި ހަނދާނީ މިސްކިތެއް އެޅުމަށް، ޚިދުމަތް ޖަމިއްޔާ އިން ނިންމީ މި މަހުގެ 11 ގަ އެވެ. އަދ އެކަމަށް އެހިވާން ހުޅުވައިލިތާ މާ ގިނަ އިރުތަކެއް ނުވަވީސް މިސްކިތް ބިނާކުރަން ލަފާކުރި ބަޖެޓް ވެސް ލިބިފައިވެ އެވެ.

ހިދުމަތް ޖަމިއްޔާ އިން ބުނީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާނީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އެ މިސްކިތަށް ހަރަދު ވާނެ ކަމަށް އަންޒާދާކުރި ބަޖެޓަކީ 760،000ރ، އެވެ.

ޝެއިހް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް ހިދުމަތް ޖަމިއްޔާ އިން މިސްކިތެއް ބިނާކުރަން ނިންމާފައިވެ އެވެ.