ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އޮތީ ވަރަށް ގާތުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ އެކަމާ ގުޅޭ އެއްބަސްވުން އޮތީ ވަރަށް ގާތުގައި ކަމަށާއި އެގޮތުން އަންނަ ހަފްތާގައި ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ހަމާސް އަދި އިޒްރޭލުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 56،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.