އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަޝްހޫރުވި ވީޑިއޯ ލަވަ "ކާންޓާ ލަގާ" އިން މަޝްހޫރުވި އިންޑިއާގެ ބަތަލާ ޝެފާލީ ޖަރީވާލާ މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 42 އަހަރުގެ ބަތަލާ މަރުވީ ރޭ މެންދަމު އެވެ. މީޑިއާތަކުން ބުނީ ޝެފާލީގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެގެން މުމްބާއީގެ ބެލެވޫ މަލްޓިސްޕެޝާލިޓީ ހޮސްޕިޓަލަށް ގެންދިޔައީ މެންދަމު 1:00 އެހާކަށްހާ އިރު ކަމަށާއި އޭނަ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
Shefali Jariwala is no longer with us. Gone too soon at just 42 due to a sudden heart attack. It’s hard to believe she’s gone.
May her soul rest in peace, and may God give strength to her family during this heartbreaking time.#RIPShefaliJariwala #GoneTooSoon #RestInPeace… pic.twitter.com/ZUnI3WlETr
— All Indian Cine Workers Association (@AICWAOfficial) June 28, 2025
ޝެފާލީ ހޮސްޕިޓަލަށް ގެންދިޔައީ އޭނަގެ ފިރިމީހާ ޕަރާގް ތިއާގީ އެވެ. ނަމަވެސް ޝެފާލީ މަރުވި ސަބަބެއް އަދި ސާފެއް ބުނެ އެވެ. އަދި ޕޯސްޓްމޯޓަމް ހަދަން މިހާރު މުމްބާއީގެ ކޫޕާ ހޮސްޕިޓަލަށް ހަށިގަނޑު ގެންފޮސްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
"ބިގް ބޮސް" އާއި "ނަޗް ބަލިޔޭ" ފަދަ އިންޑިއާގެ މަގުބޫލު ޓީވީ ޝޯތަކުގައި ވެސް ވާދަކޮށްފައިވާ ޝެފާލީ އަކީ ސަލްމާން ޚާނާއި އަކްޝޭ ކުމާރުގެ 2004 ގެ ފިލްމު "މުޖްސޭ ޝާދީ ކަރޯގޭ" ގެ ކުޑަކުޑަަ ރޯލެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ.
އޭނަ އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ބާރަތު އިން ޖެނުއަރީ 15، 2024 އިން ޖެނުއަރީ 4، 2025 އަށް ގެނެސްދިން ރޮމޭންޓިކް ހޮރޯ-ފެންޓަސީ ސިލްސިލާ "ޝައިތާނީ ރަސްމޭ" އިންނެވެ.
އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕަރާގް އާއި ޝެފާލީ ކައިވެނިކުރީ 2014 ގަ އެވެ. މިއީ ޝެފާލީގެ ދެވަނަ ކައިވެންޏެވެ. އޭނަގެ ކުރީގެ ފިރިމީހާ އަކީ އިންޑިއާގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ "މީޓް ބްރޮސް" ގެ ހަރްމީތު ސިންގް އެވެ. ދެހާސް ހަތަރެއްގައި ކުރި ކައިވެނި ރޫޅައިލީ 2009 ގަ އެވެ.
ދެ ކަައިވެންޏަށް ވެސް ޝެފާލީ އަށް ދަރިޔަކު ލިބިފައެެއް ނުވެ އެވެ.
ޝެފާލީގެ ކުއްލި މަރާ ގުޅިގެން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުންނެވެ.