Last Updated: June 30, 11:10
Monday, June 30, 2025
ޚަބަރު

މެރިއޮޓްގެ އޯޕަން ޑޭ މިއަދު އައްޑޫގައި

ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލް.

މެރިއޮޓް އިންޓަނޭޝަނަލް އިން މި އަހަރު ބާއްވަން ނިންމާފައިވާ އެޕްރެންޓިސްޝިޕާ ގުޅޭ ގޮތުން މައުލޫމާތު ދޭން ކުރިއަށް ގެންދާ އޯޕަން ޑޭ މިއަދު އައްޑޫގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އޯޕަން ޑޭ އައްޑޫގައި ކުރިއަށް ގެންދާނީ މިއަދާއި މާދަމާ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. ދެ ދުވަހު ވެސް އޯޕަން ޑޭ ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މެރިއޮޓް އިންޓަނޭޝަނަލްގެ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޔޫތު މިނިސްޓްރީން ހިންގަމުން އަންނަ އަންނަ ނެޝަނަލް އެޕްރެންޓިސްޝިޕް (ނެޕް) ގެެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމް ހާއްސަކޮށްފައި ވަނީ އޯ ލެވެލް ނުވަތަ އޭ ލެވެލް ފުރިހަމަކޮށްފައިވަ އުމުރުން 16-20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މެރިއޮޓް އިންޓަނޭޝަނަލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން މައިގަނޑު 8 ދާއިރާއަކުން ކުރިއަށް ދާން ފުރުސަތު ފަހިވެގެން ދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޮންޓް އޮފީސް، ހައުސްކީޕިން، ލޯންޑްރީ، ޕޭސްޓް އެންޑް ބޭކަރީ، އެފްއެންޑްބީ، ކޮމާޝަލް ކުކަރީ، ލައިފްގާޑިން އަދި އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް އެވެ.

ޓޫރިޒަމް ދާއިރާ އަށް ޒުވާނުން ބިނާކުރަން މެރިއޮޓް އިންޓަނޭޝަނަލް އިން ސިލްސިލާކޮށް ކުރިއަށް ގެންދާ އެފްރެންޓިސްޝިޕް ޕްރޮގްރާމަށް މި ފަހަރު ވެސް ބައިވެރިން ހޯދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޯޕަންޑޭތައް ބާއްވައިގެންނެވެ.

އެހެންވެ އައްޑޫގައި ބާއްވާ އޯޕަންޑޭ އަކީ މި ސިޓީގެ ޒުވާނުންނަށް ކެރިއަރެއް ބިނާކުރަން ހުޅުވޭނެ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.