ޖޭމްސް ބޮންޑް ސީރީޒްގެ އާ ފިލްމަށް ޑައިރެކްޓަރަކު ހަމަޖެހުމާ އެކު، ފިލްމުގެ ޓައިޓްލް ރޯލު ކުޅޭނެ އެކްޓަރެއްގެ ވާހަކަ އަނެއްކާ ވެސް ހޫނުކޮށް ދެކެވެން ފަށައިފި އެވެ.
ބޮންޑްގެ އެންމެ ފަހުގެ ފަސް ފިލްމަށް ފަހު، ޑެނިއަލް ކްރެއިގް އެ ރޯލަށް އަލްވަދާއު ކިޔާފައިވާތީ، ބޮންޑްގެ ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ގިނަ ވާހަކަތަކެއް ދެކެވި، ގިނަ އަދަދެއްގެ އެކްޓަރުންގެ ލިސްޓެއް މީޑިއާތަކުން ދައުރުކޮށްފައި ވެސް ވެ އެވެ. އޭގެ ތެރޭގައި ތަޖުރިބާކާރު އެކްޓަރުން ކަމަަށްވާ އިޑްރިސް އެލްބާ، 52، އާއި ޓޮމް ހާޑީ، 47، އާއި ހެންރީ ކެވިލް، 42، ގެ އިތުރުން އާރޮން ޓޭލާ-ޖޯންސަން، 35، ހިމެނެ އެވެ.
ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުން މިއިން އެއްވެސް އެކްޓަރަކަށް ބޮންޑްގެ ރޯލު ލިބުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ އާ ފިލްމަށް 30 އަހަރުން ދަށުން އެކްޓަރަކު ނަގަން އެމެޒޯން އެމްޖީއެމް ސްޓޫޑިއޯ އިން ނިންމާފައިވުމެވެ.
އެގޮތުން މިހާރު ވެސް ލިސްޓެއް އެކުލަވާފައިވާ އިރު، އެ ލިސްޓަށް ޝޯޓްލިސްޓްކުރާނެ ތިން އެކްޓަރަކު ވެސް މިހާރު ކަނޑައަޅާފައިވާކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އެ ތިން އެކްޓަރުންނަކީ މިހާރު "ސްޕައިޑަ-މޭން" ގެ ރޯލު ކުޅެމުން އަންނަ ޓޮމް ހޮލަންޑް، 29، އާއި "ބޭބީގާލް" ފަދަ ފިލްމުތަކުން ފެނިފައިވާ 28 އަހަރުގެ އެކްޓަރު ހެރިސް ޑިކިންސަންގެ އިތުރުން "ސޯލްޓްބާން" ގެ ތަރި ޖެކޮބް އެލޯޑީ އެވެ.
ވެރައިޓީން ބުނެފައިވާ ގޮތުގައި މި ތިން އެކްޓަރުން ރަސްމީކޮށް ޝޯޓްލިސްޓްކޮށް، އެމެޒޯން އެމްޖީއެމުން މާ ލަސްތަކެއް ނުވެ ޖޭމްސް ބޮންޑްގެ 26 ވަނަ ފިލްމު ކުޅޭނެ އެކްޓަރަކު އިއުލާން ކުރާނެ އެވެ. މިކަމަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާތާ ވެސް މިހާރު އެތައް ދުވަހެކެވެ.

ބޮންޑްގެ އާ ފިލްމު ޑައިރެކްޓް ކުރަން މިދިޔަ ހަފުތާގައި ހަވާލުކޮށްފައި ވަނީ "ޑޫން" އާއި "ބްލޭޑް ރަނާ 2049" އަދި "ސިސާރިއޯ" ފަދަ އުފެއްދުންތައް ގެނެސްދިން ޑެނިސް ވިލެނޯވް އެވެ.
ބޮންޑްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ނޯ ޓައިމް ޓު ޑައި" އެވެ. އޭގެ ޑައިރެކްޓަރަކީ ކެރީ ޖޯޖީ-ފުކްނާގާ އެވެ.