Last Updated: June 28, 22:19
Saturday, June 28, 2025
ދުނިޔެ

މަހުޖަނު ބޭޒޯސްގެ ކައިވެނި ހަފުލާ ބާއްވައިފި

އެމެރިކާގެ މަހުޖަނު ޖެފް ބޭޒޯސްގެ އަގުބޮޑު ކައިވެނި ހަފުލާ އިއްޔެ ބާއްވައިފި އެވެ.

މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް އިއްޔެ އެ ކައިވެނި ހަފުލާ ބޭއްވީ އިޓަލީގަ އެވެ. ހަފުލާ އަށް 200 އެއްހާ ހައި ޕްރޮފައިލް މީހުންނަށް ދައުވަތު ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި މަހުޖަނު ބިލް ގޭޓްސްގެ އިތުރުން މަޝްހޫރު ވަރަށް ގިނަ ސެލެބްރިޓީން ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ކާޑޭޝަން/ޖެނާ އާއިލާގެ މެންބަރުންގެ އިތުރުން މަޝްހޫރު ފިލްމީ ތަރިންތަކެއް ވެސް ހިމެނެ އެވެ.

އެމެޒޯން ކުންފުނީގެ ބާނީ، ބޭޒޯސް، 61، ކައިވެނިކުރީ އޭނަ ރައްޓެހިވެގެން އުޅޭތާ އަހަރުތަކެއްވެފައިވާ ލޯރެން ސަންޗޭޒް، 55، އާ އެވެ. މިއީ އެ ދެ މީހުންގެ ވެސް ދެވަނަ ކައިވެންޏެވެ.

ދުނިޔޭގެ ދެވަނަ އަށް މިހާރު އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ބޭޒޯސް އާއި މެކެންޒީ ސްކޮޓްގެ 1993 ގެ ކައިވެނި ރޫޅައިލި 2019 ގަ އެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެ އެވެ.

ތިން ކުދިން ތިބި ލޯރެންގެ ކުރީގެ ފިރިމީހާ އަކީ އެންޑީވާ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަން ޕެޓްރިކް ވައިޓްސެލް އެވެ. އެ ދެ މީހުންގެ 2005 ގެ ކައިވެނި ވެސް ރޫޅައިލީ 2019 ގަ އެވެ.

މިލްކިއްޔާތު މިހާރު 221 ބިލިއަން ޑޮލަރަށް އަރާ ބެޒޮސްގެ އިޓަލީގެ ކައިވެންޏަށް 46 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.