Last Updated: June 28, 22:19
Saturday, June 28, 2025
ޚަބަރު

ދަރިވަރުންގެ އަތުން ޓެކްސް ނަގަން އުޅޭ ކަމެއް ނޭނގޭ

އަންނަ މަހުން ފެށިގެން މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން ނިންމިކަން ރަސްމީކޮށް އެނގިވަޑައިގެންފައި ނެތް ކަމަށް ރާއްޖޭގެ ހަޔަ އެޑިއުލޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ބޭރުގެ ދަރިވަރުންގެ އަތުން މެލޭޝިއާއިން ޓެކްހެއް ނަގަން އުޅޭކަން މިހާތަނަށް ރަސްމީކޮށް އެނގިފައި ނެތް ކަމަށާއި އެކަމާ ގުޅިގެން ދަރިވަރުން ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ހައިދަރު ވިދާޅުވީ މިއީ ކިހިނެތް ހިނގާ ކަމެއްތޯ ބަލައި ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.

މެލޭޝިއާ އަކީ ދިވެހި ދަރިވަރުން އެންމެ ގިނައިން ތައުލީމު ހާސިލުކުރާ އެއް ގައުމެވެ.

މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ 1 އިން ފެށިގެން ބޭރުގެ ދަރިވަރުންގެ އަތުން މެލޭޝިއާާ އިން ހަ ޕަސަންޓުގެ ޓެކްހެއް ނަގަން ފަށާނެ އެވެ. އަދި އެ ޓެކްސް ނަގަން ނިންމާފައި ވަނީ އެ ގައުމުގައި ޕްރައިވެޓް ޕްރީ ސްކޫލްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ލެންގްއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުން އަތުން ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.