ދާދި ފަހުން އުފެއްދި މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް (އެމްޓީއެސްބީ) ގެ ޑިރެކްޓަރަކަށް އަހުމަދު ޒުހައިރު އައްޔަންކޮށްފި އެވެ.
މިދިޔަ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރެއްވި ޒުހެރަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އައްޑޫ ހިތަދު އަށް ނިސްބަތްވާ ޒުހައިރު ވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ޑިރެކްޓަރުކަމާއި މެނެޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
އޭނަ އަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ވެސް ކުރައްވާ ބޭފުޅެކެވެ.
އެމްޓީއެސްބީ އުފެއްދީ މިދިޔަ އޭޕްރީލް 8 ގަ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ.
އެމްޓީއެސްބީ އަކީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތައް ތަހުގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސު އުފެއްދެވި ބޯޑެކެވެ.