މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށްވާ "އެލްސީ 308" އިއްޔެ ބަންޑުން ޖަހައިލީ، ޅ. ކުރެންދޫގެ ހުޅަނދު ދެކުނުން ހަތަރު މޭލު ބޭރަށެވެ.
އެ އުޅަނދުން ހަ މީހުން ދަތުރުކުރި އިރު އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ތިން ބިދޭސީންނެވެ. އޭގެ ތެރެއިން ގެއްލުނީ ދެ މީހުންނެވެ. އޭގެތެރެއިން އެކަކު ހޯދުނުއިރު އެމީހާ އޮތީ ނިޔާވެފަ އެވެ. އެއީ ސިފައިންގެ މީހެއް ކަމަށްވާ، ތ. ހިރިލަންދޫ، ސީރީނުގެ، ވޮރަންޓް އޮފިސަރު ދޭއް، އަލީ ހާމިދެވެ.
ގެއްލިގެން ދެން ހޯދަމުން އަންނަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.
އެމްއެންޑީއެފުން ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ވަގުތުން ފެށިގެން ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، އަދި ކޯސްޓްގާޑުގެ އުޅަނދުތަކުން ކަނޑުމަގުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައެއް ނުވެ އެވެ.
އެ ހާދިސާގައި ނިޔާވި ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް 27 އަހަރު ޚިދުމަތްކުރައްވައިފަ އެވެ.