Last Updated: June 28, 22:19
Saturday, June 28, 2025
ޚަބަރު

ޕީއެންސީ އަކީ ފިކުރެއް ނޫން, ސާފުކުރާ ކުންފުންޏެއް

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަކީ ސިޔާސީ ފިކުރެއް ނޫން ކަމަށާއި އެއީ ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ގެކޮޅު ދިމްޔާތުގެ ކުނި ސާފުކުރާ ކުންފުންޏެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރަކާތްތައް އަތޮޅު ތެރޭގައި ވަރުގަދަ ކުރަން އެ ޕާޓީގެ ޓީމުތަކެއް މިހާރު އަތޮޅުތަކަށް ދަތުރުތަކެއް ކުރަމުން އަންނާތީ އެކަމާ ގުޅުވައި ޖަމީލު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ޕީީއެންސީގެ ވަފުދުތަކޭ ކިޔައިގެން ގުރޫޕް ޖަހައިގެން އަތޮޅު ތެރެއަށް ދާކޮންމެ މީހަކީ ބޮޑު މުސާރަވެރިއެއް ކަމަށެެވެ.

އޭނަ ވިދާޅުވީ ރައްޔިތުންނަށް އާސަންދަ ހުސްވެއްޖެ މެމްބަރުން ވަނީ ބަޖެޓް އެއްކޮށް މުއިއްޒަށް ދީފައި ކަމަށާއި އެއްވެސް ރަށަކަށް މަޝްރޫއެއް ނެތް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުން ފެށިގެން ޕީއެންސީ ކިޔާ "ޖަމާއަށް" ދޮގު ހެދުން ނޫން ކަމެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.

"ކޮބާ ދުބާއީ ތައިލެންޑްގެ އާސަންދަ؟ މިއުޅެނީ ރަށުން ބޭސްކޮޅެއް ވެސް ނުލިބިގެން.ކޮބާ ޑޮލަރު ރޭޓް ތިރިވެެއްޖެ؟ މިހާރު ޑޮލަރެއް 20 ރުފިޔާ އަށް ޖެހިއްޖެ. ކޮބާ އިބޫ ޗޯރު ކިޔާފަ ކޮރަޕްޝަން ނުހިނގާ؟" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފަށް ނިސްބަތްވާ ޖަމީލު ވިދާޅުވި އެވެ. "ޚުދު ދިމްޔާތުން މެމްބަރުންނަށް މަހަކު 50 ހާސް ރ. އެ ބަހަނީ. ކޮން ތާކުން މުއިއްޒު ހޯދާ ފައިސާއެއް؟"

ޖަމީލު ވިދާޅުވީ މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ އެއްވެސް މީހެއްގެ މައްސަލައެއް ވެދސް ނުބެލޭ ކަމަށެވެ.

"ދުސްތޫރު ފުނޑާލައި ރައްޔިތުންގެ ބާރު މުއިއްޒު ނަގަން ޖެހުނީ ކީއްވެ؟ ޖުޑިޝަރީ އަދި މަޖްލިސްވެސް މުއިއްޒަށް. މުޅި ގައުމަކީ މުއިއްޒުތޯ؟ ކޮބައިތޯ ރ. ޔާމީން؟ މިނިވަންވެެއްޖެ؟ އިބޫއާ އެމްޑީޕީވެސް ގޯސްވިނަމަ، މުއިއްޒު ތަފާތުކޮށް ކުރި އެއް ކަމެއް ވިދާޅުވޭ؟" އޭނަ ވިދާޅުވި އެވެ. "ޕީއެންސީ އަކީ ސިޔާސީ ފިކުރެއް ނޫން. އެއީ ދިމްޔާތުގެ ކުނި ސާފުކުރާ ކުންފުންޏެއް."

ޖަމީލަކީ ތަކުރާރުކޮށް މި ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.