Last Updated: June 28, 22:19
Saturday, June 28, 2025
ޚަބަރު

އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ޓުއާތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ ހާއްސަ ޓުއާ 36 އެއާލައިންއާއެކު 45 ފަރާތަކަށް ކުރިއަށް ގެންގޮސްފި އެވެ.

އެމްއޭސީއެލް އިން ބުނީ މި ޓުއާތަކަކީ އާ ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، އެއްވެސް ބުރޫ އެރުމެއް ނެތި ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ޓުއާތަކެއް ކަމަށާއި މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޓުއާތަކެއް ކަމަށެވެ.

ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކާއި ޖެނެރަލް އޭވިއޭޝަން އެޖެންޓުންނާއި ސަރުކާރުގެ ކަމާބެހޭ އެޖެންސީތަކާއި ރިސޯޓް ރެޕުންނާއި ޓެކްސީ އޮޕަރޭޓަރުންނާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި އެމްއޭސީއެލްގެ މުވައްޒަފުންނަށްވެސް މި ޓުއާތައް ކުރިއަށް ގެންދަމުންދާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެގޮތުން މިހާތަނަށް 36 އެއާލައިނަކަށާއި ހަތް ޖެނެރަލް އޭވިއޭޝަން އެޖެންޓުންނަށާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ހާހަކަށްވުރެ ގިނަ މުވައްޒަފުންނަށް މި ޓުއާ ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އިތުރު ތިން އެއާލައިނަކާއި ޖެނެރަލް އޭވިއޭޝަންގެ ދެ އެޖެންޓަކާއި، 10 ސްޓޭކްހޯލްޑަރުންނަށް މި ޓުއާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފަ އެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެ އެވެ.

މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.