ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒްގެ "ޓޮޕް ގަން" ގެ ތިން ވަނަ ބައެއް ވެސް ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު ޖޯސެފް ކޮސިންސްކީ ބުނެފި އެވެ.
ޖީކިއު އަށް ދިން އިންޓަވިއުއެއްގައި ތިން ވަނަ ބައެއް ފެނިދާނެތޯ އެހުމުން ކުޅަދާނަ ޑައިރެކްޓަރު ބުނީ "ޔަގީން" ކަމަށާއި އެއަށް މިހާރު ވެސް "މަސައްކަތް ވެސް ކުރިއަށްދާ" ކަމަށެވެ.
"މާނަ އަކީ ތިން ވަނަ ބައިގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް އެބައޮތޭ މިހާރު. އެހެންވެ އެކަމަށް އެބަ މަސައްކަތްތަކެއް ކުރެވޭ." ސްކްރީންޕްލޭ އަށް އިޝާރާތްކޮށް ޖޯސެފް ބުންޏެވެ.
އޭނަ ބުނީ "ޓޮޕް ގަން" ތިނެއް ވެސް އާދައިގެ ފިލްމެއްގެ ގޮތުގައި ހަދަން ބޭނުން ނުވާ ކަމަށާއި ތަސައްވުރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ބެލުންތެރިން ވެސް އުންމީދުކުރާ ވަރުގެ އެއްޗެއް ގެނެސްދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ބުންޏެވެ.
ދެހާސް ބާވީހުގައި ގެނެސްދިން "ޓޮޕް ގަން: މެވެރިކް" އަކީ އެ އަހަރުގެ އެންމެ ބޮޑު އެއް ހިޓެވެ. ޖުމްލަ 177 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި ކްރޫޒްގެ ފިލްމަކަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ލިބުނު ފުރަތަމަ ފިލްމެވެ. މެއި 27، 2022 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި 1.496 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
"ޓޮޕް ގަން: މެވެރިކް" އަކީ 1986 ގައި ގެނެސްދިން "ޓޮޕް ގަން" ސީކްއެލް އެވެ. އޭރު ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ފިލްމު ޑައިރެކްޓްކުރީ ޓޯނީ ސްކޮޓެވެ. އެންމެ 15 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓޮޕް ގަން" ގެ އާމްދަނީ އަކީ 357.3 މިލިއަން ޑޮލަރެވެ.
މަޝްހޫރު ފިލްމު ސީރީޒް "މިޝަން އިމްޕޮސިބަލް" ވެސް ތަރި ކްރޫޒް، 62، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އެ ސީރީޒްގެ 8 ވަނަ ފިލްމު "ދަ ފައިނަލް ރިކޮނިން" އެވެ.
ޖޯސެފްގެ އެންމެ ފަހުގެ ފިލްމަކީ އިއްޔެ ސިނަމާތަކަށް ގެނައި ބްރެޑް ޕިޓް ސްޕޯޓްސް ޑްރާމާ "އެފް1" އެވެ.