މިދިޔަ މެއި މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 97 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅި އެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 23 މައްސަލައެއްވަނީ ރިޕޯޓުކޮށްފަ އެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ މައްސަލައަކީ ޖިސްމާނީ ހާނިކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 22 މައްސަލައެއް ވަނީ މެއި މަހު ހުށަހަޅާފަ އެވެ.
މީގެ ތެރޭގައި ޖިންސީ ހާނިކައިގެ 16 މައްސަލަ، ނަފްސާނީ ހާނިކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަންދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ ހަ މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ ހަތަރު މައްސަލަ، އަދި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ހިމެނެ އެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ މައްސަލަތަކާއި ގުޅިގެން މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ފިރިހެން ކުދިންނާއި ގުޅުންހުރި މައްސަލަ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން، ފިރިހެން ކުދިންގެ 52 މައްސަލަ ހުށަހެޅިފައިވާއިރު، އަންހެން ކުދިންގެ 45 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.