Last Updated: July 1, 09:02
Tuesday, July 1, 2025
ދުނިޔެ

ގާޒާއިން އިއްޔެ 60 މީހުން ޝަހީދުކޮށްލައިފި

އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން އިއްޔެ އެކަނިވެސް 60 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.

ގާޒާގެ ހެލްތު އޮފިޝަލުންނާއި ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ފަތިހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 60 އަށް ވުރެ މައްޗަށް އަރާފަ އެވެ. މީގެތެރެއިން 20 މީހުން ޝަހީދުވެފައިވަނީ ގާޒާގައި މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއެއްގަ އެވެ. އޭގެތެރޭގައި 9 ކުޑަކުދިން ވެސް ހިމެނެ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 56،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.