Last Updated: June 29, 10:39
Sunday, June 29, 2025
ޚަބަރު

ސަރުކާރުން ކުރި ހަރަދު 21 ޕަސެންޓަށް ކުޑަކޮށްފި

ފިނޭންސް މިނިސްޓްރީ / ފޮޓޯ: އަވަސް

ދައުލަތުގެ ބަޖެޓުން މި މަހުގެ 19 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 21 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މި މަހުގެ 19 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 16.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 21 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 3.4 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދުވަނީ 70.1 އިންސައްތައިން ދަށްވެފަ އެވެ.

ރިކަރަންޓް ޚަރަދުގެ 58.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.6 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 70 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދު ވަނީ 20 އިންސައްތައިން ދަށްވެފަ އެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 15.3 އިންސައްތައިން ވަނީ ދަށްވެފަ އެވެ.

މީގެއިތުރުން ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 3.6 އިންސައްތައިން ވަނީ ދަށްވެފަ އެވެ.

މި ޚަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް، އާސަންދައަށް ހިނގާ ޚަރަދު 1.4 އިންސައްތައިން އިތުރުވެ، މެޑިކަލް ވެލްފެއަރގެ ޚަރަދުތައް 35.2 އިންސައްތައިން ވަނީ ދަށްވެ ފައެވެ. އަދި ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 169.5 އިންސައްތަ އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 45.6 އިންސައްތަވަނީ އިތުރުވެފަ އެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 1.4 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ.

މި އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 7 އިންސައްތަ ދަށް ޢަދަދެކެވެ.