Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ދަތުރު މިއަދު ފައްޓަވާ އިރު، ދަތުރު ނިންމަވައިލައްވާނީ އަންނަ މަހުގެ 2 ގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ މި ދަތުރަކީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި ޤައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ޤައުމަށް މަންފާކުރާނެ ތަރައްޤީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާނެ އެވެ.

ރައީސްގެ މި ދަތުރުގައި، ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ދަތުރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދިސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުުކުރީ ފެބްރުއަރީ 20، 1975 ގަ އެވެ.