ރަންވީރު ސިންގް އާއި މަނޫޝީ ޗިލާރް އަށް ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް ހޮރޯ-ކޮމެޑީ ޔުނިވާސްގެ ފިލްމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުުނެފި އެވެ.
މިޑް-ޑޭ އިން ބުނީ މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފަހުކޮޅު ފަށަން ޕްލޭންކޮށްފައިވާ ކަމަށެވެ. އެކަމަކު އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެެއް ނުކުރެ އެވެ. އެހެންވެ އޭގެ ޑައިރެކްޓަރަކީ ކާކު ކަމެއް ވެސް އަދި ނޭނގެ އެވެ.
މެޑޮކް އަކީ ކާމިޔާބު ހޮރޯ-ކޮމެޑީތައް ކަމަށްވާ "އިސްތިރީ" ފްރެންޗައިޒާއި އާއި "ބޭޅިޔާ" ގެ އިތުރުން "މުންޖިއާ" ގެނެސްދީފައިވާ ސްޓޫޑިއޯ އެވެ.
އެތަނުގެ ހޮރޯ-ކޮމެޑީ ޔުނިވާސްގެ ޕްރޮޖެކްޓަކަށް ރަންވީރާއި މަނޫޝީ ގެންނަން މަސައްކަތް ކުރަމުން އަންނަ އިރު، މި ފިލްމު ވާނީ ދެ ތަރިން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. މަނޫޝީ އަކީ 2017 ގެ މިސް ވޯލްޑެވެ. އޭނަ ބޮލީވުޑަށް ނެރުނީ ރަންވީރު ވެސް ބޮލީވުޑަށް ނެރުނު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ. އެއީ އަކްޝޭ ކުމާރާ އެކު 2021 ގައި ގެނެސްދިން "ސަމްރާޓް ޕްރިތުވީރާޖް" އިންނެވެ.
މަނޫޝީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 11 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޓަރު ރާޖްކުމާރު ރާއޯގެ ގޭންގްސްޓާ ތުރިލާ "މާލިކް" އެވެ.
މަޝްހޫރު ބަތަލާ ދީޕިކާގެ ފިރިމީހާ ރަންވީރް މިހާރު އަންނަނީ ޑައިރެކްޓަރު އަދިތިޔާ ދާރްގެ އެކްޝަން ތުރިލާ "ދުރަންދާރު" ގެ މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ޝޫޓިން ނިންމައިލުމަށް ފަހު، އޭނަ ސެޕްޓެމްބަރު މަހު، ޑައިރެކްޓަރު ފަރްހާން އަޚްތަރުގެ "ޑޮން 3" ގެ މަސައްކަތް ފަށާނެ އެވެ.