Last Updated: July 1, 09:02
Tuesday, July 1, 2025
މުނިފޫހިފިލުވުން

ޖޯން އަށް ސުޕަހީރޯ ފިލްމެއް، ނަމަކީ 'މަންކީމޭން'

ބޮލީވުޑްގެ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޖޯން އަބްރަހަމް ސުޕަހީރޯ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފްރެންޗައިޒެއްގެ ގޮތުގައި ހަދަން ނިންމާފައިވާ މި ޕްރޮޖެކްޓަކީ ޕްރޮޑިއުސަރު މަހާވީރު ޖެއިންގެ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ނަަމަކީ "މަންކީމޭން" ކަމަށާއި މީގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރުމާ ކަމަށް ފިލްމުފެއާ އިން ބުންޏެވެ.

"މަންކީމޭން" އަކީ އޭނަ ތައްޔާރުކޮށްފައިވާ ކޮމިކަކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ.

އަބީޝެކަކީ ޖޯންގެ 2018 ގެ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އަކްޝޭ ކުމާރުގެ 2022 ގެ "ރާމް ސެޓޫ" އެވެ.

ފިލްމުފެއާ އިން ބުނީ "މަންކީމަން" ގެ ޓީމުގެ އަމާޒަކީ މީގެ ކުރިން އިންޑިއާގެ ސިނަމާ އަށް އައިސްނުވާ ކަހަލަ ޗަރަށް ވެސް ތަފާތު ފިލްމެއް ގެނެސްދިނުން ކަމަށެވެ. އެގޮތުން މި ފިލްމަކީ ވަރަށް ގްރޭންޑްކޮށް ހަދާނެ ފިލްމެއް ކަމަށް ވެސް ބުންޏެވެ.

ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި "ދަ ޑިޕްލޮމެޓް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތެހެރާން" އާއި ތާރިގް ހިމެނެ އެވެ.

ޖޯންގެ އަތުގައި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ޕްރޮޖެކްޓެއް ވެސް އެބައޮތެވެ.